Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ބަނޑިދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން ދ. ބަނޑިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފި އެވެ.

ބަނޑިދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އައު އޭޓީއެމް ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަނޑިދޫގައި އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޤާއިމްކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި ޚިދުމަތާއެކު ރައްޔިތުންނަށް މިހާރު މުހިންމު މާލީ ޚިދުމަތްތަކަށް ވާސިލުވުން ފަސޭހަވެ، ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭންކުގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 97 ސެލްފްސާވިސް ބޭންކިން ސެންޓަރު، 154 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.