ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފި އެވެ.
މި މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކީގަ އެވެ.
އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު އިހުސާނަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
ސަރުކާރު ހިންގާ، ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް މިފަހުން ފެންމަތިވެފައިވެ އެވެ. އެގޮތުން ފޯމުތައް ފުރުމުގެ ކަންކަން އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން އާންމުވެ، އިހުސާނަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ޕީއެންސީ އަށް ވަގު ފޯމު ފުރައިގެން މީހުން ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކޮށްދޭން އެމްޑީޕީން އޭސީސީ އާއި ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދޭން އެދި ޕީޖީގައި ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.