ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދ. މީދޫގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ޚިދުމަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މުޖުތަމަޢަށް ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.
"މި އައު އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިން މުޢާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 98 ސެލްފްސާވިސް ބޭންކިން ސެންޓަރު، 155 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.