Last Updated: November 25, 16:15
Monday, November 25, 2024
ރިޕޯޓް

44 ހަފްތާ ވީއިރުވެސް އަދީބުގެ ކަލަންޑަރުގައި "އާދީއްތަ" ދުވަހެއް ނާދޭ ؟

ދިވެހިރާއްޖޭގެ މިހާރުގެ ނައިބު ރައީސް އަހްމަދް އަދީބަކީ ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަވާ ބޭފުޅެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އަބަދުވެސް ވާހަކަ ދައްކަމުން ގެންދަނިކޮށް އެވާހަކަތައް ބާރަށް ދެކެވެން ފެށީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓަކަށް ފަހުގައެވެ.

ނައިބް ރައީސް އަދީބް، ޓޫރިޒަމް މިނިސްޓަރ ކަމުގައި މަގާމުގައި ހުންނެވި ދުވަސްވަރު މަޤާމުގެ ނާޖައިޒް ފައިދާ ނަންގަވައި، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން 77 މިލިއަން ރުފިޔާ އަމިއްލަ ކުންފުނިތަކަކަށް ދިން ކަމަށް ތުހުމަތު ކުރާ މައްސަލައެއް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ނެރުއްވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ކަމެއްގެ ގޮތުގައެވެ.

ނަމަވެސް އަދީބު ވަނީ ދައުލަތުގެ ފައިސާއެއް ނަހަމަ ގޮތުގައި ބޭނުން ކޮށްފައި ނުވާނެ ކަމަށާއި އަދި ދައުލަތަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް މިހާތަނަށްވެސް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ، އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތަކަކީ ދޮގުކަން ސާބިތުކޮށްދޭން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

ނޫސްވެރިންނާއި ބައްދަލުކުރެއްވައި އަދީބު އޭރު ވިދާޅުވެފައިވަނީ، އޮޑިޓް ރިޕޯޓްގައި އެމަނިކުފާނުގެ މާލީ ބަޔާން ހިއްސާ ނުކުރާ ކަމަށް ބުނެފައިވާ ވާހަކައަކީ ވެސް ކަނޑައެޅިގެން ދޮގެއް ކަމަށާއި މާލީ ބަޔާން އޮޑިޓް އޮފީހާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

އަދި ވަރަށް ސާބިތުކަމާއި އެކު އަދީބު ވިދާޅުވެފައިވަނީ، އޮޑިޓް ރިޕޯޓުގައިވާ ތުހުމަތުތަކަކީ ދޮގެއް ކަން ސާބިތުކޮށްދޭން އެބޭފުޅާގެ މާލީ ބަޔާން މީޑިއާ ތަކާއި ހިއްސާކުރަން ތައްޔާރަށް ހުންނެވި ކަމަށާއި "އަންނަ އާދީއްތަ ދުވަހު މާލީ ބަޔާން ހިއްސާކުރައްވާނެ" ކަމަށެވެ.

އެހެން ނަމަވެސް އަދީބު އެހެން ވިދާޅުވި ފަހުން 44 ހަފްތާ ފާއިތުވެގެން ގޮސްފައިވާއިރު އަދިވެސް އަދީބުގެ މާލީ ބަޔާން މީޑިޔާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ. އެހެން ގޮތަކުން ދަންނަވާ ނަމަ އަދީބުގެ ކަލަންޑަރުގައި އާދީއްތަ ދުވަސް ނާންނަތާ 44 ހަފްތާ ވެގެން ދިޔައީއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކުއްލިއަކަށް ތެޅިގަނެގެން އޮޑިޓަރ ޖެނެރަލްގެ ޤާނޫނަށް ޕީޕީއެމް އިން ހުށަހެޅި އިސްލާހަކަށް ފަހު އޮޑިޓަރ ޖެނެރަލް ކަމުން ނިޔާޒު އިބްރާހިމް ވަކިކޮށްފައިވަނީ، އަދީބް އާއި ބެހޭގޮތުން ނެރުއްވި އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ކަމަށެވެ. ނަމަވެސް އެކަން ސަރުކާރުގެ އޮފިޝަލުން ވަނީ ދޮގޮކޮށްފައެވެ.