އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ރޯދަ މަހަށް ހައްލު ނުވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ އަދި ހައްލެއް ނުވާނެ ކަމަށާއި މާލެ އިން ގެނައި ޖަނަރޭޓަރުން ކަރަންޓް ދިން ނަމަވެސް ދެ ޖެނެރޭޓަރު ވަނީ މިވަގުތު ވެސް ސްޕެއާ ނުލިބި ހުއްޓިފައި ކަމަށެވެ. އަދި ގަޑިއަކުން ގަޑި އަކުން އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓް މިހާރުވެސް ކަނޑަމުންދާކަން ނިޒާރު ފާހަގަކުރެއްވި އެވެ.
"ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް ދައުލަތުން ހަރަދުކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ވެފައި،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫއަށް ގެނައި 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތްދޭން ފެށި ނަމަވެސް ފާއިތުވި ދެ ދުވަހު ވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންނެވެ.
ފެނަކަ އިން ވަނީ ރޯދަ މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށާއި އަދި އައްޑޫގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށްދާއިރު ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ފަށައި، ދެ އަހަރުތެރޭ އަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.