އައްޑޫ ސިޓީ، ފޭދޫގެ ރައްޔިތުންނަށް ސިޔާސީ ބޭފުޅުން ވަމުން ގެންދަވާ އެއް ވަޢުދަކީ ފޭދޫގެ ބިން ހިއްކަން ފަށާނެ ކަމުގެ ވަޢުދެވެ. ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބަޔަކު ހޯދަން އިއުލާން ކުރާ ވާހަކައާއި ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ވާހަކައެވެ.
ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ފޭދޫގެ ރައްޔިތުން ބުނާ ގޮތުގައި އެމީހުން ތިބީ މި އޮގަސްޓް މަސް ނިމުމުގެ ކުރިން ޒަމާންތަކެއް ވަންދެން އެމީހުން ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވާތަން ދެކެން ކެތްމަދުވެފައެވެ.
" އަޅުގަނޑުމެން އަސްލު ވަރަށް އުއްމީދުގައި ތިބީ. އޯގަސްޓު މަހު ބިން ހިއްކަން ފަށާނެ ކަމަށް. ވީކަމެއް ހަރާން މިމަސް ވެސް ނިމެނީ މިކަމެއް ނުފެށުނު " ފޭދޫގެ ވިޔަފާރިވެރިޔަކު ބުންޏެވެ.
ފޭދޫގެ ބިން ހިއްކަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވި، އޯގަސްޓް މަސް ނިމިގެން ދާއިރު ވެސް ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް އެއްވެސް ފަރާތަކާއި ހަވާލު ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މުއިއްޒު އެހެން ވިދާޅުވުމުގެ ކުރިން މިހާރުގެ ނައިބު ރައީސް އަހްމަދް އަދީބު ވެސް ވަނީ މިދިޔަ އެޕްރީލް މަހު “ރައީސް އަބްދުﷲ ޔާމީންގެ 2018 ގެ ފޭދޫ ކެމްޕޭން އޮފީސް”ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން، 2 މަސް ދުވަހުގެ ތެރޭގައި ފޭދޫގެ ބިން ހިއްކަން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
އޯގަސްޓް މަހު ފޭދޫގެ ބިން ހިއްކަން ފެށިފައި ނުވާތީ ފޭދޫގެ ރައްޔިތުންގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވެގެން ދިޔައީ ދާއިރާގެ މެންބަރ އިބްރާހިމް ދީދީ (އައިބީ) އަށެވެ. ފޭދޫގެ ބައެއް ރައްޔިތުން ބުނާގޮތުގައި، ސަރުކާރުގެ ފަރާތުން ފޭދޫގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން އައިބީއަށް އޮންނަވާ ނަމަވެސް އައިބީ ވިދާޅުވާ ބަސް ދިމާ ނުވާ ކަމަށެވެ.
" އަސްލު އައިބީ މިރަށުގެ ތަރައްޤީއަށް ކަން ކުރައްވާ. އެކަމަކު ބިން ހިއްކުމުގެ މައްސަލައިގައި ވަރަށް ލޮނު މަޑު. ހީވާ ކަހަަލަ ސަރުކާރުން ބިރުދައްކަނީ ބާއޭ. އަހަރުމެން ގާތު ދައްކާ ވާހަކަ ދުވަހަކުވެސް ތެދެއް ނުވޭ. އެއްދުވަހު ބުނި ކޮންނަ ބޯޓު އެބަ އާދެއޭ ވެސް"، ފޭދޫ ޒުވާނަކު ބުންޏެވެ.
މިކަމާއި ބެހޭގޮތުން އައިބީގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް'ގެ ފަރާތުން ކުރި މަސައްކަތް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ސޯޝަލް މީޑިޔާގައި ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށް ދިޓީވީގެ “ހަބަރު ތެރެއިން” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޭދޫގެ ބިން ހިއްކަން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ބިޑްތައް ހުޅުވުން އޯގަސްޓް 24 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ބާއްވައި، އެކަމަށް ބަޔަކާ ހަވާލު ކުރެވިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް އޯގަސްޓް މަހުގެ 24 ވަނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ވާހަކައެއް ހައުސިން މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. އަނެއްކާ ވެސް ފޭދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށިދާނެ ކަމާއި މެދު ފޭދޫގެ ރައްޔިތުންގެ މި ވަނީ ސުވާލު އުފައްދަން ފަށާފައެވެ.
މިފަހަރު ފޭދޫ ރައްޔިތުން ބުނާ ގޮތުގައި، "ބިން ހިއްކަން ނުފަށަނީސް އެއީ ވެދާނެ ކަމެއް ކަމަށް ދެން ޤަބޫލެއް ނުކުރާނެ" ކަމަށެވެ.