ރައްޔިތުންނަށް ދަތިކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭހުގެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި ބޭހުގެ އަގު ދަށް ކުރުމަށް ސަރުކާރުން ފިޔަވަޅު އެޅީ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ފައިދާ ނަގަމުން ދިއުމުން ކަމަށެވެ.
އެސްޓީއޯގެ ރޭޓަށް ބެހުގެ އަގުތައް ތިރިކުރުމުން ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށި ކަމަށާއި އެ މައްސަލަ ހައްލުކުރަން ފިނޭންސް މިނިސްޓްރީގެ ހާއްސަ އެހީތެރިކަމާއެކު އެސްޓީއޯ އިން ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓާއިން ރައްޔިތުންނަށް އުނދަގޫ ކުރުމަށް މިކުރި މަސައްކަތް އެއްކޮށް އަޅުގަނޑުމެން ހައްލުކުރާނަން." ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބޭހުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން އެތައް ހާސް ފައިދާއެއް ނަގަމުން އައި ކަަމަށާއި އެގޮތުން ރަށެއްގައި އާދައިގެ ބޭސް ފިހާރައެއް ހުޅުވާލާ މީހާ ވެސް އަހަރެއް ނުވަނީސް ބޮޑެތި މަސްދޯނިތައް ބަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މައްސަލަ ޖެހުނީ މިފަދަ ކަންކަން ހުއްޓުވާލުމުން ކަމަށާއި ނަމަވެސް ރައްޔިތުންނަށް ދަތިކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން. އެއީ ބޭސް ވިޔަފާރި ކުރާ މީހުން ވިޔަސް އަދި އެހެން ވިޔަފާރިއެއް ކުރާ މީހަކަސް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނު އަބަދުވެސް އިސްކުރާނީ އާންމު ރައްޔިތުން ކަމަށާއި ހުރިހާ ރައްޔިތުން ހަމަހަމަ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދުލުވެރި ވެރިކަމެއް ކުރުމަކީ އެއީ ކަމަށާއި އަދުލުވެރިވުމަކީ އެމަނިކުފާނަށް އޮތް ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.