މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުން މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުގައި އިއްޔެ މީދޫގައި ވިދާޅުވީ އެކި ފަންނުތަކުގައި މަސައްކަތް ކުރާ މީހުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމު ކުރިޔަށް އޮތް ތަނުގައި ހަމަޖައްސަވާނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމަށްޓަކައި އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރި ކަމަށެވެ.
"ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުން ވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން،" ރައީސް ވިދާޅުވި އެވެ. "ހަމަ އެގޮތަށް ދެން ހުރި ފަންނުތަކުގެ ބޭފުޅުންނަށްވެސް، އެކަން ކުރުމަށް އެބަ އޮތް ބައިވަރު މަރުހަލާތައް ވެސް."
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިންގެ ދަފުތަރެއް އެކުލަވާލަން ފެށުމަކީ މަސްވެރިންނަށް އިނާޔާތް ލިބުން ފަދަ ކަންކަމުގެ ފުރަތަމަ ހަރުފަތް ކަމަށެވެ. އެ ގޮތުން އެ ދަފުތަރުވާ މަސްވެރިންނަށް ކުރިޔަށް އޮތް ތަނުގައި ބޭކިން ނިޒާމުގެ ތެރެއަށް ވަދެ ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން ތަކެތި ނެގޭނެ އިންތިޒާމު ހަމަޖެހޭނެކަން ރައީސް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ރޯދަ އިނާޔަތްވެސް ލިބޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އަޅުގަނޑު އުއްމީދު ކުރަނީ، ދެެކެން ބޭނުން ވަނީ މާލަސްތަކެއް ނުވެ، ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް އަޅުގަނޑުމެންނަށް ހަމަޖެެއްސޭނެ ކަަމަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ ދިވެއްސެއް ނަމަ ދެކެވަޑައިގަންނަވާ ގޮތުގައި އެ މީހަކަށް ރޯދަ އިނާޔަތް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މި އަހަރު އަލަށް ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް ރޯދަ އިނާޔަތް ދޭން ނިންމައިފަ އެވެ. އެއީ ކޮންމެ މެންބަރަކަށް 3،000ރ. އެވެ.