އައްޑޫ ޒީނަތްތެރިކުރުމަށްޓަކައި ގާޑަން ލައިޓްތަކެއް ޖަހަން ނިންމާފައިވާތީ އެކަމަށް ބޭނުންވާ ލައިޓްތައް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުން ބީލަމަށް ހުޅުވައިފި އެވެ.
ކުރިން މިކަމަށް ބީލަމަށް ހުޅުވައިލީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކަން ބާތިލުކޮށް މިއަދު އަލުން ފުރުސަތު ހުޅުވާލައި ކައުންސިލުން ބުނީ ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ކުރިން ހުޅުވައިލި ފުރުސަތު ބާތިލުކުރި ސަބަބެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.
އައްޑު އަށް ހޯދަނީ 200 ގާޑަން ލައިޓެވެ.
މި ލައިޓްތައް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާގައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.
އައްޑޫ ޒީނަތްތެރި ކުރަން ގާޑަން ލައިޓްތަކެއް ޖަހަން ކައުންސިލުން ނިންމި އިރު، އައްޑޫގެ މަލަމަތި ޒީނަތްތެރި ކުރަން އަވަށްތަކުގައި ކަދުރުރުއްތަކެއް ވެސް އިންދާފައިވެ އެވެ.