ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް, އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުވައި ނުލެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން ކޯޓުގައި މިއަދު އެދިއްޖެ އެވެ.
އެ އަމުރަށް އެދިވަޑައިގަތީ ސުޕްރީމް ކޯޓްގައި މިހާރު ހިނގަމުން އަންނަ ގޮނޑިއާ ބެހޭ މައްސަލަ ވެސް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ. އޭނަ އެދިވަޑައިގަތީ, މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށް ދެއްވުމަށެވެ.
ގޮނޑި ގެއްލޭ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމައިފަ އެވެ. އަދި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ނިންމީ އިޖުރާއީ ގޮތުން މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލަން ދައުލަތުން އެދިފައި ވަނިކޮށެވެ.
މައްސަލަ ބެލޭނެ ކަމަށް ނިންމުމަށް ފަހު, ދައުލަތުގެ އެދިގެން ދައުވާ އަށް ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ކޯޓުން އޮތީ ދީފަ އެވެ.
މި މައްސަލައިގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓްގައި ހިނގަމުން ދަނިކޮށް ސަރުކާރުން މިހާރު އޮތީ އެ ކޯޓްގެ ބެންޗްގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން މަޖިލީހަށް ހުށަހަޅައިފަ އެެވެ. މިކަން ގިނަ ބަޔަކު ސިފަކުރަނީ މައްސަލަ އަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގަ އެވެ.