މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެން (އޭއައި) ގެ ނުފޫޒު ގަދަވަމުން އަންނާތީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 4،000 އެއްހާ މުވައްޒަފުން މަދުކުރަން ނިންމާފައިވާ ކަމަށް ސިންގަޕޫރްގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ޑީބީއެސް އިން ބުނެފި އެވެ.
އެތަނުގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ މުވައްޒަފުން މަދުކުރާ އިރު، އިސްކަންދޭނީ ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓް އުސޫލުން ކުރު މުއްދަތަށް މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން މުވައްޒަފުން މަދުކޮށް، ޑީބީއެސްގެ އަމާޒު ހުރީ އޭއައި އަށް ބަރޯސާވާ މިންވަރު އިތުރު ކުރުން ކަމަށް ވިދާޅުވި އެވެ.
މިިއީ މިފަދަ ޕްލޭނަކަށް ބޭންކަކުން މަސައްކަތް ކުރަމުން އަންނަކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފަހެރެވެ
މީގެ 56 އަހަރު ކުރިން ވުޖޫދަށް އައި ޑީބީއެސްގައި މިހާރު 41،000 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާ އިރު، މީގެ ތެރެއިން 8،000-9،000 އަކީ ވަގުތީ ނުވަތަ ކޮންޓްރެކްޓް މުވައްޒަފުންނެވެ.
މިދިޔަ އަހަރު ޑީބީއެސްގެ ޗީފް އެގްޒެކްޓިވް ޕިޔޫސް ގުޕްތާ ވިދާޅުވި ގޮތުގައި މުވައްޒަފުން މަދުކޮށް، އޭއައި އަށް ބަރޯސާ މިންވަރު އިތުރު ކުރަމުން އަންނަ އިރު، އޭއައިއޭ ގުޅުން ހުރި 1،000 އެއްހާ ވަޒީފާ އަލުން އުފެދޭނެ އެވެ. އޭނަ ވިދާޅުވީ ޑީބީއެސްގެ މަސައްކަތުގެ ތެރެއިން 350 ކަމަކަށް މިހާރު ވެސް އޭއައިގެ 800 އަށް ވުރެ ގިނަ މޮޑެލް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ކުރާ ހޭދައާ އެކު މި އަހަރުގެ ތެރޭގައި ބޭންކްގެ ކުރިއެރުމަށް 1 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ވެސް މިހާރު އޭއައިގެ ނުފޫޒު ގަދަވަމުން އަންނަ އިރު، ވަރަށް ގިނަ ގައުމުތަކުން އަންނަނީ މީގެ ސަބަބުން އިންސާނުންގެ ދައުރަށް ވަރަށް ބޮޑު ހުރަހެއް އެޅެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އެގޮތުން މިހާރު ވެސް ބޮޑެތި ބައެއް ކުންފުނިތަކުން ދަނީ މުވައްޒަފުން މަދުކޮށް، އޭއައި އަށް ކުރާ ހޭދަ އިތުރު ކުރަމުންނެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް) އިން މިދިޔަ އަހަރު ބުނެފައި ވަނީ އޭއައިއޭގެ ސަބަބުން 40 ޕަސެންޓް މުވައްޒަފުންގެ ވަޒީފާ އަށް އަސަރު ކުރާނެ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.