ފުލުހުން ހިންގާ ޖިނާއި ތަހުގީގަށް އެއްވެސް ނުޒޫފެއް ނުފޯރުވާ ކަމަށާއި މަސައްކަތް ކުރައްވަނީ ކަންކަން ރަނގަޅު ކުރެއްވުމަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އޭނަގެ މައްޗަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދަށް އެޖެންޑާކޮށް، ކުރިއަށްދާ ޖަލްސާގައި ޖަވާބުދާރީވަމުން އައްޑޫ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ގެ ދަރިކަލުން ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވައި ހުރަސްއަޅާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހުރިހާ ވެރިން ތިއްބަވާނީ ޖަލުގައި ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ މިހާރު ޖަލުގައި." އިހުސާން ވިދާޅުވި އެވެ.
އޭނަގެ މައްޗަށް އެމްޑީޕީން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮތް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް އަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން އެކްސެސްވެ އެ ޕާޓީ އަށް ވަގަށް މެންބަރުން ވެއްދުން ހިމެނެ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ވަގު ފޯމު ފުރައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަކީ އަބަދުވެސް ހިނގަމުން އަންްނަ ކަމެއް ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ވެސް ވަގު ފޯމު ފުރައިގެން މީހުން ވައްދާފައިވާ ކަމަށާއި އެންސްޕާ އާއި އާސަންދައިގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައިގެން ރިޔާސީ އިންތިހާބު ތެރޭގައި ބޭނުން ކުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"ދަންނަވަން މިއުޅޭ ވާހަކައަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ޑީއެންއާރުގެ ތެރެއިން އެކި ގޮތްގޮތުން ނަގައި ވިއްކަމުން މިގޮތަށް ހިންގާފައިވާ ކަމެއް މިކަމަކީ، މި އިއްޒަތްތެރި މަޖިލީހުގެ ގިނަ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އިންތިހާބުތަކުގެ ތެރޭގައި ހުރިހާ ބޭފުޅުން ވެސް އެބަ ބޭނުން ކުރޭ މި މައުލޫމާތުތައް، އެހެންވީމަ މި މައުލޫމާތުތައް އެކި ގޮތްގޮތަށް ބޭނުން ކުރަމުން އަބަދު 2014 ވަނަ އަހަރުން އައިސްފައިވާކަން ތަފަސްހިސާބުތަކުން އެބަ ދައްކާ." އޭނަ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޑީއެންއާރުގެ މައުލޫމާތު ނަގައިގެން އެ ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަން ނުވާނެ ގޮތެއް ހޯއްދަވާނެ ކަމަށް ދެހާސް ނަވާރަ ވަނަ އަހަރު އޭރުގެ ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވިދާޅުވި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވި ނަމަ މިއަދު ޑީއެންއާރުގެ މައުލޫމާތު ލީކުވެގެން އެ ވާހަކަ ދައްކަން ނުޖެހުނީސް ކަމަށް އިހުސާން ވިދާޅުވި އެވެ.
"ޑީއެންއާރުން މައުލޫމާތު ނަގައިގެން މީހުން އެ ވިއްކާ މައްސަލަ ބައްލަވާ ކަމަށާއި އެކަން ނުވާނެ ގޮތެއް ހައްދަވާނެ ކަމަށް އޭރުގައި ނޫހުގައި އޮތް، އެކަން އެގޮތަށް ނުވާނެ ގޮތެއް ހެއްދެވި ނަމަ މި ވާހަކަ ދައްކާކަށް ނުޖެހޭނެއެއް ނޫންތޯ؟" އޭނަ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޕީއެންސީއަ ށް މީހުން ވައްދަން ކޮންމެ މީހަކު ފަނަރަ ވަރަކަށް ފޯމު ފުރަން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންނަށް އޭނަ އެންގެވި ކަމަށާއި އެ އެންގެވުމާ އެއްގޮތަށް ސިޔާސީ މުވައްޒަފުން ފޯމު ވެސް އެއްކުރި ކަމަށެވެ.
"…އަޅުގަނޑު ގަބޫލު ކުރަން ގާނޫނީ ކުށަކަށްވިޔަސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކޮށްގެންވުމަކީ އެހާ ރަނގަޅު ކަމެއް ނޫން، ހާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއް." އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަބަބާ ހުރެ މީގެ ފަހުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި އެފަދަ މަސައްކަތެއް ނުކުރުމަށް މިހާރު އަންގާފައި ވާނެ ކަމަށެވެ.