ޑައިރެކްޓަރި ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގެ ޓީމުން އެއް ފުރޭމަކުން ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ފިލްމުގެ ބަތަލާ އާލިއާ ބަޓް އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯތަކުގައި ފެންނަނީ އޭނަ އާއި ފިލްމުގެ ބަތަލުން ކަމަށްވާ ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް، ރޭ ބަންސާލީގެ 62 ވަނަ އުފަން ދުވަސް ރޭ ފާހަގަކުރާ ތަނެވެ. އެ ޕޯސްޓްގައި އާލިއާ ބުނީ އެކަން ފާހަގަކުރީ ރޭގެ ޝޫޓިންގެ ތެރެއިން ނެގި ކުޑަ ބްރޭކެއްގައި ކަމަށެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ "ލަވް އެންޑް ވޯ" އަކީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މިއީ ބަންސާލީ އެންމެ ފަހުން ގެނެސްދިން 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ގައި މަސައްކަތް ކުރުމަށް ފަހު، ނެޝަނަލް އެވޯޑް ހޯދި ބަތަލާ، ކުޅަދާނަ ޑައިރެކްޓަރާ އެކީ މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
"ލަވް އެންޑް ވޯ" އަކީ އާލިއާގެ ފިރިމީހާ، ރަންބީރު ވެސް ބަންސާލީއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ނެރުނީ ބަންސާލީގެ 2007 ގެ "ސާވަރިއާ" އިންނެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލަވް އެންޑް ވޯ" އަކީ ބަންސާލީއާ އެކު ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އެކަމަކު އޭނަ ކުރިން އާލިއާ އާއި ރަންބީރާ އެކީ ވެސް މަސައްކަތްކޮށްފައިވެ އެވެ.