Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އެކްސްޕެޓް ސިސްޓަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގާނެ

އެކްސްޕެކްޓް ސިސްޓަމުން ދައުލަތަށް ގެެއްލުންވާ ގޮތަށް މިދިޔަ ސަރުކާރުގެ ވެރިން އަމަލުކޮށްފައިވާތީ އެމްޑީޕީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގަން އަންގަވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރަށް އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މަޖީލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބާދާރީވާން މިއަދު ވަޑައިގެން ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތް މައްސަލަ އަށް އިޝާރާތް ކުރައްވައި ވަނީ ބެސްޓިނެޓް މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި އެކަމުގެ ލިޔެކިޔުންތައް ވެސް މަޖިލިހާ ހިއްސާ ކުރައްވައިފަ އެވެ.

އޭނަ ވިދާޅުވީ 13.7 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭ ބެސްޓިނެޓް މައްސަލަގައި އެމްޑީޕީގެ ސަރުކާރުގެ ވެރިން އަޅާލައިފައި ނުވާ ކަމަށާއި އެ ކުންފުނިން ދިވެހި ސަރުކާރާއި މިދިޔަ ވެރިކަމުގައި ކުރި އެއްވެސް މުއާމަލާތަކަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.

"މިކަން އެނގި ތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީ އަށް ހުށައަޅާނަން." މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

ބެސްޓިނެޓުން އިމިގްރޭޝަނަށް ފޮނުވި ލިޔުންތައް އިމިގްރޭޝަނުން އޭރުގެ ކަމާއި ގުޅޭ ހުރިހާ އިދާރާއަކަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހިމެނޭކަން މިނިސްޓާރު ފާހަގަކުރެއްވި އެވެ.