Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

ގޯވިންދާ އާއި އަންހެނުން ވަރިވަނީ!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި، ގޯވިންދާ އާއި އަންހެނުން ސުނީތާ އަހޫޖާ ވަރިވާން އުޅޭކަމުގެ އަޑުތަކެއް އަރައިފި އެވެ.

މީޑިއާތަކުން ބުނީ 37 އަހަރުވީ ކައިވެނި ރޫޅައިލުމުގެ ފަހު މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި މި ކައިވެނި ނިމުމަކަށް ގެންނަން ބޭނުންވީ ސުނީތާ ކަމަށާއި ސަބަބަކީ ކައިވެނިން ބޭރުން ގޯވިންދާ މިހާރު އެހެން ގުޅުމެއް ހިންގާތީ އެވެ. އެގޮތުން 30 އަހަރުގެ މަރާޓީ ބަތަލާއާ އެކު ގޯވިންދާ، 61، ޑޭޓް ކުރަމުން އަންނަ ކަމަށް އަޑު އަރާފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ދެމަފިރިން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބޮލީވުޑްގައި 90 ގެ އަހަރުތަކުގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ ގޯވިންދާ އާއި ސުނީތާ ކައިވެނިކުރީ 1987 ގަ އެވެ. އެ ކައިވެންޏެއް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ޓީނާ އަހޫޖާ، 36، އާއި ހާޝްވަރްދަން އަހޫޖާ، 28، އެވެ.

މި ފަހަކަށް އައިސް ސުނީތާ އެކިއެކި ޕޮޑްކާސްޓް ޝޯތަކަށް އިންޓަވިއުތައް ދެމުން އަންނަ އިރު، އޭނަ އައި ގޯވިންދާ ވަކިން އުޅޭކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ. އަދި ގޯވިންދާ އަކީ އަދިވެސް "90 އިން ނުނެއްޓިގެން އުޅޭ އައުޓްޑޭޓްވެފައިވާ މީހެއް" ގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

ސުނީތާ ބުނި ގޮތުގައި ގޯވިންދާ އަކީ ވަރަށް ކޫސަނި ކަންކަމާ އުޅޭ އަދި ކޫސަނި ވާހަކަތައް ވެސް އާންމުކޮށް ދައްކާ މީހެއް ކަމަށެވެ. އެހެންވެ އޭނަގެ ވާހަކަތައް ދަރިން ވެސް ޝައުގުވެރިކަން ނުދޭ ކަމަށް ބުނެފައިވެ އެވެ. ސުނީތާ ދާދި ފަހުން ބުނި ގޮތުގައި އެކްޓަރު ދަރުމެންދުރާއާ ކައިވެނި ކުރެވުނު ނަމައޭ އަބަދު ވެސް އޭނަގެ ހިތަށް އަރަ އެވެ.

ގޯވިންދާގެ ކައިވެނީގައި ސިއްކަ ޖަހަން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ ކުރިން ބޮލީވުޑްގެ ދެ ބަތަލާއާ އެކު ވެސް ސިއްރު ލޯބީގެ ގުޅުންތަކެއް ބޭއްވި އެވެ. އެއީ ކުރީގެ ބަތަލާ ނީލަމް ކޮތާރީ އާއި ރާނީ މުކަރްޖީއާ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ގޯވިންދާ އަށް މިހާރު ކުޅޭނެ ފިލްމެއް ނުލިބެ އެވެ. އަދި އެކަމާ ހެދި އޭނަ ހުންނަނީ އިންޑަސްޓްރީގެ ބައެއް މީހުންނާ މެދު ހިތްހަމަނުޖެހިފަ އެވެ.