Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ވޯޓުގައި ބައިވެރިނުވި މެމްބަރުންނަށް ފިޔަވަޅު އަޅަނީ

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ބިލް ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މި ވޯޓުގެ ކުރިން ރޭ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ބިލު ބަލައިގަތުމަށް ވޯޓު ދިނުމަށް އެ ގްރޫޕްގެ މެމްބަރުންނަށް އަންގާފަ އެވެ. ނަމަވެސް މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފަލާހު ވިދާޅުވީ ޕާޓީގެ ވިޕްލައިނާއި ގަސްތުގައި ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.