ބޭންކް އޮފް މޯލްޑިވްސް އިން ދ. ހުޅުދެލީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ގާއިމުކޮށްފި އެވެ.
ހުޅުދެލީގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އައު އޭޓީއެމް ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިން ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ހުޅުދެލީގައި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ތަޢާރަފުކުރެވުމަކީ ލިބުނު އުފަލެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިން މުޢާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.