ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓު ދޭނެ ގޮތް ކިޔައިދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.
އެ ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ޕީއެންސީގެ ބައެއް މެންބަރުން ބައިވެރިވަޑައިނުގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. ރައީސް ވަނީ ޕާޓީގެ ޕީޖީން އެ ބިލާ ގުޅޭ ގޮތުން ވިޕެއް ނެރެފައި އޮއްވައި، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫން ކަމަށާއި އެއީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނޯންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު އަލުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން އެ މެންބަރުންނަށް އަރުވާފަ އެވެ. އަދި ރައްޔިތުންގެ ހައްގުގައި ސާބިތުކަމާއެކު ދެމިތިބުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.