ޝާހްރުކް ޚާންގެ "ޕަތާން" ގެ ސީކްއެލްގެ ސްކްރީންޕްލޭ މިހާރު ނިންމާފައިވާ ކަމަށާއި ޕްލޭނަކީ އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ފެށުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީޕިން މޫން އިން ބުނި ގޮތުގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2023 ގެ ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ފުރަތަމަ ބައި ވެސް ލިޔުނު ޝްރީދާރް ރަގްވަން ފެށީ، ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ބެލުމުގެ ދަށުން އެ އަހަރުގެ މެދުތެރޭގަ އެވެ.
އެގޮތުން މިހާރު އަދިތިޔާ އެންމެ ހިތްހަމަޖެހޭ ވަރަށް "ޕަތާން 2" ގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމާފައިވާ ކަމަށް ޕީޕިން ބުންޏެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ޕްލޭންކުރި ނަމަވެސް ދެވަނަ ބައި ޑައިރެކްޝަނާ ސިދާތު އާނަންދު ހަވާލެއް ނުވާނެ އެވެ. އެހެންވެ އޭނަގެ ބަދަލުގައި "ޕަތާން 2" ޑައިރެކްޓް ކުރާނީ އެހެން މީހެކެވެ.
މި ފިލްމަކީ އަދިތިޔާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ.
"ޕަތާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު ސިދާތު މިހާރު އަންނަނީ ޝާހްރުކާ އެކު "ކިންގް" ކިޔާ ފިލްމެއްގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. ޝާހްރުކްގެ ދަރިފުޅު ސުހާނާ ޚާން ވެސް ކާސްޓްގައި ހިމެނޭ މި ފިލްމަކީ ސިދާތުގެ ފިލްމު ކުންފުނި، މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.
ސިދާތު އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން "ފައިޓާ" އެވެ.
ބޮކްސް އޮފީހުގައި 1،050.50 ކްރޯޑް ރުޕީސް (120.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ޕަތާން" އަކީ 250 ކްރޯޑް ރުޕީސް (28.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މީގެ މުހިއްމު ރޯލުތަކެއް ދީޕިކާ އާއި ޖޯން އަބްރަހަމް ވެސް ކުޅުނެވެ.