ސުވާލު: ބައެއް މީހުންނަށް ހަނދު ފެނުނު ކަމަށް ބުނާއިރު ފަލަކީ ޙިސާބުގެ އަހުލުވެރިން އެރޭ ހަނދު ނުފެންނާނެކަށް ބުނެ އެވެ. މިކަމުގައި އަޅުގަނޑަށް އޮޅުމެއް ނާރައެވެ. އެހެނީ ޙިސާބު ހެދުމުގައި މައްސަލައެއް ކުށެއް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިން ކަނޑައެޅުމުގައި ވެސް ޚިލާފުތަކެއް ހުރެދާނެ އެވެ. ނަމަވެސް އޮޅުން އަރާ ތަންކޮޅަކީ ފަލަކީ ޙިސާބުގެ އަހުލުވެރިން، އެމީހުންގެ އޮބްސަވޭޓަރީތަކުގައި ބޭނުންކުރާ ވަޞީލަތްތައް ބޭނުންކޮށްގެން ހަނދު ހޯދަން މަސައްކަތްކުރުމުންވެސް ހަނދުނުފެންނަކަމަށް ބުނާތީއެވެ.
އަދުގެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ހަނދު ނުފެނުނު އިރު ހަމަލޮލަށް ފެންނާނީ ކިހިނެތް ހެއްޔެވެ؟
މިކަން އިދިކޮޅަށް ހިނގިނަމަ، އާލަތްތަކުން ބަލާފައި ހަނދުފެނިފައި ހަމަ ލޮލަށް ބަލައިގެން ނުފެނުނު ނަމަ މިކަމުގައި ޚިލާފުވުމުގައި ބުރަދަނެއް ހުރީހެވެ. އެއީ އެ ޙާލަތުގައި މީސްތަކުން ރޯދަ ހިފާނީތޯ ނުވަތަ ދޫކޮށްލާނީތޯ އެވެ. ނަމަވެސް މައްސަލައަކީ ހަމަލޮލަށް ފެނިފައި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ނުފެންނަ ކަމަށް ބުނާތީ އެވެ.
ޖަވާބު: ރަމަޟާން މަސް ފެށުނުކަން ޘާބިތު ކުރުމުގައި ބަރޯސާ ވެވޭނީ ހަމަލޮލަށް ހަނދު ފެނުމަށެވެ. ނުވަތަ ހަނދު ނުފެނިއްޖެ ޙާލަތުގައި ޝަޢުބާން މަހުގެ ތިރީސް ދުވަސް ފުރިހަމަ ވުމަށެވެ. މިއީ ޞައްޙަ ސުންނަތުން މިކަމަށް ދަލީލު ލިބޭ ގޮތެވެ. އަދިޢިލްމުވެރިންވަނީ މިކަމަށް އެއްބަސްވެފައިވެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
«صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ، فَإِنْ غُبِّيَ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلاَثِينَ» [رواه البخاري (1909)]
މާނައީ: “އެ (އެބަހީ: ހަނދު) ފެނުމުން ރޯދަ ހިފާށެވެ. އަދި އެ (އެބަހީ: ހަނދު) ފެނުމުން ރޯދަ ދޫކޮށްލާށެވެ. ފަހެ، ތިޔަބައި މީހުންނަށް (ހަނދު) ވަންހަނާވެއްޖެނަމަ ޝަޢުބާން މަހުގެ ތިރީސް ދުވަސް ހަމަކުރާށެވެ.”
އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެ އެވެ.
«صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ، فَإِنْ غُمِّيَ عَلَيْكُمْ فَأَكْمِلُوا الْعَدَدَ» [رواه مسلم (18 – (1081))]
މާނައީ: “އެ (އެބަހީ: ހަނދު) ފެނުމުން ރޯދަ ހިފާށެވެ. އަދި އެ (އެބަހީ: ހަނދު) ފެނުމުން ރޯދަ ދޫކޮށްލާށެވެ. ފަހެ، ވިލާ ބޯވެއްޖެ ނަމަ (އެބަހީ: ވިލާ ބޯވެ ހަނދު ނުފެނިއްޖެ ނަމަ) ޢަދަދު ފުރިހަމަކުރާށެވެ. (އެބަހީ: ތިރީސް ދުވަސް ހަމަކުރާށެވެ.)”
މިކަމުގައި ފަލަކީ ޙިސާބަށް ބަރޯސާވުމެއް ނެތެވެ. ހަނދު ބެލުމުގެ އަޞްލަކީ ހަމަލޮލުން ބެލުމެވެ. ނަމަވެސް ޒަމާނީ ވަޞީލަތަކުން ބަލައިގެންވެސް ހަނދު ފެނިއްޖެނަމަ، އެ ފެނުނު ފެނުމުގެ މައްޗަށް ބިނާކޮށް ހަނދު ފެނުނުކަމަށް ބެލިދާނެއެވެ.
ހަމަލޮލަށް ހަނދުފެނިފައި، ޓެލެސްކޯޕުފަދަ ޒަމާނީ ވަޞީލަތްތަކުން ހަނދު ނުފެނިއްޖެ ނަމަ، އެހެން އެވީ ކީއްވެ ހެއްޔެވެ! ދަންނަ އެވެ. ފަހެ މިކަން ރުޖޫ ޢަވަނީ ހަނދު ފެނުނު ތަނަށާއި އެ ފެނުނު ވަގުތަށެވެ. އަދި ކޮންމެ ޙާލެއްގައި ވެސް ޙުކުމް ބިނާވެގެން ވަނީ ހަނދު ފެނުމަށެވެ. ފަހެ މުސްލިމުންގެ ތެރެއިން އިތުބާރުހިފޭ އެކަކަށް ނުވަތަ ދެ މީހަކަށް އެ ފެނިއްޖެ ނަމަ ވާޖިބުވެގެން ވަނީ އެ ފެނުނު ފެނުމާ އެއްގޮތަށް ޢަމަލު ކުރުމަށެވެ.
ސުޢޫދީ ޢަރަބިއްޔާގެ ޤާޟީންގެ އެންމެ މަތީ މަޖިލީސްގެ ރައީސްކަމުގައިވާ އައްޝައިޚް ސާލިޙް އިބްނު މުޙައްމަދު އައްލުޙައިދާން حفظه الله ވިދާޅުވެފައިވެ އެވެ.
“އަލްއަޚް ޢަބްދުﷲ އަލްޚުޟައިރީއަކީ ހަނދު ބަލާ ދިރާސާކުރުމަށް މަޝްހޫރު ބޭފުޅެކެވެ. ހަނދު ބަލާ ދުވަސްތަކުގައި ނޫނަސް ގިނަ ޙާލަތްތަކެއްގައި އޭނާ ހަނދު ދިރާސާކޮށް ހަދަ އެވެ. “حوطة سدير” އޭ ކިޔުނު ތަނުގައި ފަލަކީ ޙިސާބުގެ އަހުލުވެރިން އޭނާއާ ބައްދަލު ކުރި އެވެ.
އެ ބޭފުޅާ އަޅުގަނޑަށް ޚަބަރުދީފައިވާ ގޮތުގައި ފަލަކީ ޙިސާބުގެ އަހުލުވެރިންގެ ޙިސާބުކުތަކާއި ލަފާކުރުންތަކަށް ބުރަވެ އެރޭގެ ހަނދު ފެންނާނެކަމަށް ވަކި ދިމާއެއް ކަނޑައެޅިއެވެ. އެއީ އެ މީހުން ގެންގުޅޭ ކޮންޕިއުޓަރުތައް ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. ފަހެ އޭނާ އެބައިމީހުންނަށް ޚަބަރުދިނީ އެމީހުން އެބުނާ ދިމާލުން އެރޭ އެއްވެސް ޙާލެއްގައި ހަނދު ނުފެންނާނެކަމަށެވެ. އެހެނީ އެމީހުންނަށް ވުރެ ކުރިން، އޭގެ ކުރީރޭ އޭނާ ހަނދު ބެލި އެވެ. ހަނދު ކޮންމެ ރެއަކު ވެސް އަރާ މަންޒިލުތައް އޭނާއަށް އެނގެއެވެ. އެހެނީ ކުރިން އިސްވި ތަނުން އެ ހުރަސްކުރެއެވެ.
ދެން އެންމެ ފަހުން ހަނދު ފާޅުވިއިރުއޭނާ ލަފާކުރި ދިމާލުންނެވެ. ފަލަކީ ޙިސާބުގެ އަހުލުވެރިން ލަފާކުރި ދިމާލަކުންނެއް ނޫނެވެ. އޭނާ އެމީހުންނަށް އުޛުރު ހޯދައިދި ނެވެ. އެހެނީ އެމީހުން އެގޮތަށް ކަނޑައެޅީ ހަނދު ބަލައިގެން ކަމަށް ނުވާތީ އެވެ. ނަމަވެސް އެ މީހުންގެ އަތުގައިވާ ކޮންޕިއުޓަރުތަކުންނެވެ.” (ޝޭޚުގެ ބަސްކޮޅު ނިމުނީ)
–ސުޢޫދީ ޢަރަބިއްޔާގެ الرياض ނޫހަށް އައްޝައިޚް ސާލިޙް އިބްނު މުޙައްމަދު އައްލުޙައިދާން حفظه الله ދެއްވި ބަސްދީގަތުމަކުން ނަގާފައި– والله أعلم
މަސްދަރު: ދިސަލަފިއްޔާ