ސަރުކާރުގެ "ޓެކްސީ ލައިން" ގެ ހިދުމަތަށް ބޭނުންވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ) ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ދާދިފަހުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އީވީ ވެހިކަލްތަކާއި ޗާޖިން ސްޓޭޝަންތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވެހިކަލް ފޯރުކޮށްދޭ ފަރާތަކީ އެތަކެތި އުފައްދާ ނުވަތަ ފޯރުކޮށްދޭން ވެހިކަލް އުފެއްދުމުގެ ބާރު އޮތް ފަރާތަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އިއުލާނުގައިވާ ގޮތުން ވެހިކަލްތަކާއި ޗާޖިން ސްޓޭޝަންތަކުގެ ފުރަތަމަ ބެޗު މިއަހަރުގެ ޖުލައި 31 ގެ ނިޔަލަށް ފޯރުކޮށްދޭން ޖެހޭނެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 9 ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ
މި ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީ އިން ފަށާނީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވީއައިއޭ އަށް ފަށާނެ އެވެ. އޭގެފަހުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުށީގައި ހިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވަނީ 2029 ގެ ނިޔަލަށެވެ. އެންމެފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރު ފަޅު އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.