ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިނުގަތުމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާން އެ ގްރޫޕުން ބޭރުކުރީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅި ބިލު ބަލައިގަތުމަށް ޕީއެންސީން އޮތީ ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
އޭގެ ތެރެއިން 9 މެމްބަރަކު އުޅުއްވަނީ ޕާޓީގެ ދަތުރުތަކުގައި ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި އެވެ. ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިނުވީ ދެ މެންބަރުންގެ ތެރޭގައި އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފަލާހު ވަނީ ޕާޓީގެ ވިޕްލައިނާއި ގަސްތުގައި ހިލާފުވާ ބޭފުޅުންނާމެދު ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މިމައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީން އެ ބިލު މިއަދު ހަވީރު ފާސްކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުން މި ބިލު މާދަމާ ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.