ގާނޫނާ ހިލާފު އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖުމްލަ ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލައާއި އަދި މިނޫންވެސް ގާނޫނާ ގަވާއިދާ ހިލާފަށް ހިނގަމުންދާ ކުށުގެ އަމަލުތަށް ހުއްޓުވުމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ ބެލުމުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށެވެ.
އަދި މި މަސައްކަތްތަށް މީގެ ކުރިން ނުހިނގާ ބާރުމިނުގައި، ކާމިޔާބުކަމާއެކު ހިނގަމުންދާ ކަމަށް ދިވެހި ރައްޔިތުން ހެކިވާނެ ކަމަށާއި މަދު ސިޔާސީ ބަޔަކު އިސްވެތިބެ އިހުސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ރައީސް މުއިއްޒުގެ ތަސައްވުރަށް ހުރަސްއަޅައި، ގައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ގާނޫނާ ހިލާފު، ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަށް ޖާގަދޭނެ ސަރުކާރެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.
އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހްސާންގެ އިތުބާރު އޮތް ކަމަށް ފާސްވީ 64 މެންބަރުން އިހްސާނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އިހްސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެމްޑީޕީން މަޖިލީހަށް މި މައްސަލަ ވެއްދީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ކޮށްގެން ނުވާނެ ކަންތައްތަކެއްކޮށް، އިހުސާން ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ތުހުމަތުތަކަށް ވަރަށް އިހްސާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެފަ އެވެ.
އިހުސާނަކީ މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން އިތުބާރު ނެތް ކަމުގެ މައްސަަލައަކާ ކުރިމަތިލެއްވުމަށް ޖެހިވަޑައިގެންނެވި ފުރަތަމަ ވަަޒީރެވެ.