Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ފަސް މިލިއަންގެ ފަންޑަކާއެކު އިސްލާމިކް ފައިނޭންސް ކުރިއަރުވަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާހު ކޮށްފި އެވެ.

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން އެމްއެމްއޭ އިން ފެށި 'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް' އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

އެމްއެމްއޭ އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ދެ މަސައްކަތެއް ކުރިއަށް ދާނެ އެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ އެމްއެމްއޭއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އަދި އިސްލާމީ ވުޒާރާގެ އެހީތެރިކަން އެމްއެމްއޭއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށެވެ. އެ ގޮތުން މެލޭޝިއާ ފަދަ ގައުމުތަކުގައި މި ނިޒާމަށް ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި މުހިއްމު ހަބަކަށް ހެދުން،". ގަވަރުނަރު ވިދާޅުވި އެވެ.

ތަމްވީލް އިނިޝިއޭޓިވްގައި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފަ އެވެ. އެމްއެމްއޭއިން ފަސް މިލިއަން ރުފިޔާއާއެކު ފެށި މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއިން ވަނީ މި ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފަ އެވެ.

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހި ފައެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދޭނެ އެވެ. ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2 ބޭފުޅެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ އަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެ އެވެ.