Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ކުށްތަކަށް އިހުސާން އިއުތިރާފްވެއްޖެ، އިސްތިއުފާ ދީ

މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރު އަލީ އިހުސާން ކުށްތަކަށް މިއަދު އިއުތިރާފްވެފައިވާ ކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހްސާންގެ އިތުބާރު އޮތް ކަމަށް ފާސްވީ 64 މެންބަރުން އިހްސާނަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އިހްސާނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ ހުތުރު އަމަލު ހިންގާފައިވާ ކަމަށް އިހުސާން އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް ފޯމު ފުރާއިރު ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއި ކުރާ މީހަކު ސޮއި ކުރަން އޮންނަނީ، އެ ފޯމު އެެ މީހެއްގެ ނަމުގައި ފުރާ މީހެއްގެ ހާޒިރުގައި ކަމަށްވާއިރު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ގެނައި ފޯމުތަކުގައި ހެކިވެރިން ސޮއިކޮށްފައި ނުވާ ކަމަށްވެސް އިހުސާން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

"އިހުސާން އިސްވެ ހުންނަވައި ފުރި އެތައް ސަތޭކަ ފޯމެއްގައި ދޮގު ހެކި ދީފައިވާއިރު އެއީ ޖިނާއީ ކުށެއް ކަމަށް ފެނިވަޑައިގަނުގަންވާ ވަޒީރަކު ރާއްޖޭގެ ދާހިލީ ކަންކަމާއި ތަހުގީގީ އިދާރާތައް ބެލެހެއްޓުމުގެ ޒިންމާތަކާ ހަވާލުވެ ހުންނެވުމަކީ މި ޕާޓީ ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެމްޑީޕީން ބުންޏެވެ.

އޭގެ އިތުރުން، ވަގު ފޯމު ފުރުމުގެ ދިފާއުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ފޮޓޯއެއް މަޖިލީހުގެ ތަޅުމުގައި އިހުސާން ހިއްސާކުރެއްވީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައި ކަމަށް އެމްޑީޕީން ބުނެ އެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ލިސްޓެއްގެ ފޮޓޯއެއް ކަމަށާއި އެމްޑީޕީއަކީ އެ ޕާޓީގެ މެންބަރުންގެ މައުލޫމާތު ފުރިހަމައަށް ބަލަހައްޓަމުންދާ ޕާޓީއަކަށްވާތީ ފޮޓޯ ޖެހި އެތައް ލިސްޓެއް ޕާޓީގެ ކެމްޕޭންތަކާއި އެތެރޭގެ އިންތިހާބުތަކުގައި ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.

"އެއާ މުޅިން ހިލާފަށް އިހުސާން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯމު ފުރާފައިވަނީ ސަރުކާރުގެ ވުޒާރާއެއްގެ ތެރޭގައި ހުންނަވައި ރަސްމީ މަސައްކަތު ގަޑީގައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގައި ސޮއި ފޯޖުކޮށްގެންނެވެ. ހަމައެހެންމެ، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހާޒިރުވެވަޑައިގެން ނެތް، ދިފާއު ނުވެވޭނެ ފަދަ ތަނެއްގައި އެފަދަ ތުހުމަތެއް އިހުސާން ކުރެއްވީ އޭނާ ކޮށްގެން ހުންނެވި ޖިނާއީ ކުށް ފޮރުވުމުގެ ބޭނުމުގަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލި ނަމަވެސް މިއަދު މަޖިލީހުގައި އިއުތިރާފުވެވަޑައިގެންނެވި ކުށްތަކާއި އަދި ދެއްކެވި ޣައިރު ގާނޫނީ ވާހަކަތަކަކީ އޭނާ އިތުރަށް އެ މަގާމުގައި ހުންނަން ނުޖެހޭކަން ދަލީލުކޮށްދޭ ކަންކަން ކަމަށްވެސް ބުނެފަ އެވެ. އަދި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރަށް މުސާރަ ނުނަންގަވައި ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނަހަމަ ނުފޫޒު ނުފޯރުވައި ވަގުތުން މަގާމުން އިސްތިއުފާ ދިނުމަށް އިހުސާނަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.