Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

ޝަރުއީ ނިޒާމު އެފުށް މިފުށަށް ޖަހާލައިގެން ހޯދޭނެ މޮޅެއް ނެތް

މުޅި ޝަރުއީ ނިޒާމު އެފުށް މިފުށަށް ޖަހާލައިގެން ހޯދޭނެ މޮޅެއް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ބިލެއް ހުށަހަޅާފަ އެވެ.

ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން މި މައްސަލަ ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށެވެ. އެ ކޮމިޓީން އެ ބިލު އިއްޔެ ހަވީރު ފާސްކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުން މި ބިލު މިއަދު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސެއިން ވިދާޅުވީ ޤާނޫނަކަށް ގެންނަ ބަދަލަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ގެއްލުމަކީ ގާނޫނުއަސާސީއާ ޚިލާފު ވާނެ ކަމެއް ކަމަށެވެ. އަދި މުޅި ޝަރުަޢީ ނިޒާމު އެފުށް މިފުށަށް ޖަހާލައިގެން ހޯދޭނެ މާބޮޑު މޮޅެއް ނޯންނާނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

މި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ ބިލުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެ އެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.

ހިޔާލު ފާޅުކުރައްވާ 1ކޮމެންޓް