Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޒަކިއްޔާގެ މަރާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް

ނ. ހޮޅުދޫގަވއި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ލަސްވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދެ މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މިއަދު ޖަލްސާއަށް ހުށަހެޅި މިކަމާ ގުޅޭ ކުއްލި މައްސަލައެކެވެ.

ދެ މެންބަރުންގެ މައްސަލައިގައި ވެސް ތަހުގީގު ލަސްވާ ސަބަބު ދެނެގަނެ، ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައިވެ އެވެ.

ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ދެ މައްސަލާގައި ވެސް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ މިއީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ނުހިނގާ ކަމެއް ކަމަށް ނިންމުމަށް ފަހު އެވެ

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުން ގެންދަނީ އިހުތިޖާޖު ކުރަމުންނެވެ. އެ ރަށު ރައްޔިތުން ދަނީ ހޮޅުދޫ ފުލުހުންގެ މަރުކަޒަށް ވަދެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މީގެ ކުރިން ވެސް ހަތަރު އިހުތިޖާޖެއް އެ ރަށުގެ ރައްޔިތުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މިދިޔަ އަހަރުފެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ ޒަކިއްޔާގެ ކަރުގައި ފުން ޒަހަމުތަކެއް ހުރި ނަމަވެސް، މީހަކު އޭނާ ގަސްދުގައި މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެޗްއާރްސީމުން ވެސް އަންނަނީ އެކަން ބަލަމުންނެވެ.