އައްޑޫގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ޖުމްލަ 40 ބިމަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިކަމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
ޓޫރިޒަމް ވިޔަފާރި އަށް ހުޅުވައިލި ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދު އާއި ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގެ ޓޫރިޒަމް ޒޯންތަކުން ދޫކިރާ ބިންތަކެވެ. މީގެ ކުރިން ވެސް ޓޫރިޒަމް ޒޯންތަކުން އެކި ފަރާތްތަކަށް ބިން ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން ވަރަށް މަދު ބިންތަކެއްގައި ނޫނީ އެއްވެސް ފެސިލިޓީއެއް ހެދުމުގެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫ ޓޫރިޒަމް ޒޯނުން ޖުމްލަ 13 ބިމަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސްތަކަށް ދޫކުރާ އަށް ބިމަކާއި ސިޓީ ހޮޓާ ހެދުމަށް ދޫކުރާ ތިން ބިމެއް ކަމަށެވެ.
ފޭދޫ ޓޫރިޒަމް ޒޯނުން ދޫކުރަނީ ގެސްޓްހައުސް ހަދަން ތިން ބިމެކެވެ.
މީގެ އިތުރުން ހުޅުދޫން ޖުމްލަ 15 ބިމަކަށް ހުޅުވާލާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސް އަށް ދޫކުރާ 13 ބިކަމާއި ސިޓީ ހޮޓާ ހަދަން ދޫކުރާ ދެ ބިމެކެވެ. އަދި މީދޫން ނުވަ ބިމަކަށް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގެސްޓްހައުސް ހަދަން ދޫކުރާ އަށް ބިމަކާއި ސިޓީ ހޮޓާ ހަދަން ދޫކުރާ ބިމެކެވެ.
އައްޑޫގެ ހަތަރު އަވަށެއްގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް ތަރައްގީ ކުރަނީ 50 އަހަރުގެ މުއްދަތަށެވެ. މި ބިންތަކަށް ވިއްކާ ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 12 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 2،000ރ. ނުވަތަ 300 ޑޮލަރެވެ.
މިކަމާ ގުޅޭ ޕްރީ-ބިޑް މީޓިން އޮންލައިންކޮށް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.
ހިތަދު އާއި ފޭދޫގެ ބިންތަކަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ އެޕްރީލް މަހުގެ 6 ގަ އެވެ. އަދި މީދު އާއި ހުޅުދޫގެ ބިންތަކަށް ބީލަން ހުށަހެޅުން އޮންނާނީ އެޕްރީލް މަހުގެ 7 ގަ އެވެ.
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރި ނަމަވެސް ގިނަ ބިންތަކުގައި މަސައްކަތް ނުފެށި އޮތީ ފަންޑް ހޯދުމުގެ ދަތިތަކާ ހެދި ކަމަށް ގިނަ ފަރާތްތަކަކުންނ ބުނެފައިވެ އެވެ. އެހެންވެ ޓޫރިޒަމް ޒޯންތަކުގައި ފެސިލިޓީތައް ގާއިމު ކުރަން ފަންޑް ހޯދައި ދޭން ބޭންކްތައް މެދުވެރިކޮށް މަސައްކަތްކޮށް ދޭނެ ސަރުކާރުން ބުނެފައިވެ އެވެ.