Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ފަނޑިޔާރުން މަދުކުރާ ބިލު ފާސްކޮށްފި

ސުޕްރީމް ކޯޓުްގެ ބެންޗް 7 އިން 5 އަށް ދަށްކުރަން ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

އެ މި ބިލު މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. އަދި ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައި، ކޮމިޓީން ފާސް ވެސް ކޮށްފައިވެ އެެވެ.

ބިލު ފާސްކުރަން މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށް ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ މެންބަރުން އައީ ބިލާ ގުޅިގެން އެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް މެންބަރުން އެއްވެ ގެންދެވީ އަޑު އުފުލަމުންނެވެ. އެހެންވެ އެމްޑީޕީގެ ބައެެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވެ އެވެ.

ބިލަށް ވޯޓަށް އެހީ 10:00 ގަ އެވެ. ސިސްޓަމަށް ދިމާވި މައްސަލައާއެކު ވޯޓަށް އެހީ ކޮންމެ މެންބަރެއް ގާތު ވަކިވަކިން އަހައިގެންނެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދެއްވީ ޕީއެންސީގެ 68 މެންްބަރެކެވެ.

ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވޯޓަށް އެހި އިރު، ތަޅުމުގައި ތިއްބެވި އެމްޑީޕީގެ އަށް މެންބަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރު އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާން (އައްދު) އެވެ. އަދި ތަޅުމުގައި ވޯޓު އަހަން ފެށި ވަގުތު ޕީއެންސީ އަށް ނިަސްބަތްބާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޗްގެ ފަނޑިޔާރުންގެ އަދަދު ދަށްކުރަން ފާސްކޮށްފައި ވަނީ ވަރަށް ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން އެގޮތަށް ނުކުރަން ގޮވައިލަމުން ދަނިކޮށެވެ.