Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އެސެޓް ރިކަވަރީ އޮނިގަނޑެއް ނެރެފި

ހިޔާނާތުން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ވަށައިޖެހޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އޮނިގަނޑު ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފަ އެވެ. "އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު" ގެ ނަމުގައި ލިިޔެފައިވާ އެ ފޮތް ނެރެދެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މާފުށީ ދާއިރާގެ މެމްބަރު، ހުސެއިން ރިޒާ އެވެ.

އެސެޓް ރިކަވަރީ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކުށްކުށާ ގުޅުންހުރި ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުޞޫލުތައް ކަނޑައެޅުމާއި ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެ ތަކެތި ހިފެހެއްޓުމާއި ތަސައްރަފުކުރުން މަނާކުރުމާއި ކުށްކުރުމަށް މަގުފަހިކުރާ ފައިސާއާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން އެޅުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައިވާ ކުށްކުށާގުޅޭ ފައި ސާއާއި މުދާ ހޯދުމާއި ހަވާލުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި ބޭރު ގައުމުތަކުގެ ކުށްކުށާ ގުޅޭ، ރާއްޖޭގައިވާ ފައިސާއާއި މުދާ ހޯދާ އެތަކެތި ގައުމުތަކާ ހަވާލުކުރުމުގެ އުސޫލުތައް ބަޔާންކުރުން އަދި
ދައުލަތަށް ނެގޭ ފައިސާ އާއި މުދަލާގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން މީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.