ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ޚާއްސަ ހަރަކާތެއް މިއަދު މާލެ ނޯތު ހާބަރު ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ އެކަން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން މިރޭ 10:00 އާ ހަމައަށް ކަމަށެވެ. އެކަން ކުރިއަށް ދާނީ ނޯތު ހަބާރުގައި ހުންނަ "ދަ ޝޮޓް ހާބަ ރެސްޓޯރަންޓް" ސަރަޙައްދުގައި އެވެ. އެހެންވެ އެ ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން، އޭގައި ބައިވެރިވާން ބައިވެރިކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިނިސްޓްރީން އެދިފައިވެ އެވެ.
މާލެ ނޯތު ހާބަރު ސަރަހައްދުގައި "އޮޕަރޭޝަން ކުރަނގީ" ގެ ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމާފަވާ އިރު މާލެ ސަރައްޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ އެ އްވަނަ ދުވަހުގެ ކުރިން ނިންމުމަށް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.
އަދި ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ވަޒީފާ ދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވެ އެވެ.
މީގެ އިތުރުން ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާ، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް 15 ގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި 2 ގަ އެވެ.