އެމްޓީސީސީއާ ހަވާލުކޮށްގެން ދޭން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި އީ-ޓެކްސީގެ ހިދުމަތާ ގުޅޭ ގޮތުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޓްރާންސްޕޯޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެންވަޔަރަަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
މި އެއްބަސްވުމުގެ ދަށުން އީ-ޓެކްސީ އާއި އެ އެއްޗީގެ ޗާޖިން ސްޓޭޝަން ގާއިމު ކުރަން ބޭނުންވާ އިތުރު، މާލީ އެހީތެރިކަން ހޯދައި ދޭން ދޭން އެންވަޔަރަމަންޓް މިނިސްޓްރީން މަސައްކަތް ކުރާނެ އެވެ.
އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މި މަހުގެ 12 ގަ އެވެ. އެކަމަށް ބޭނުންވާ އީވީ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން މިހާރު އޮތީ ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.
އީ-ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީން ފަށާނީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވީއައިއޭ އަށް ފަށާނެ އެވެ. އޭގެފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވަނީ 2029 ގެ ނިޔަލަށެވެ.
އެގޮތުން އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅު އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.