Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

އެ ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓްގެ ބެންޗުން މިއަދު ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމާ ގުޅިގެން އެ މައްސަލަ ވަނީ ކެންސަލްކޮށްފަ އެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާކަމުގެ މައުލޫމާތު ދިނުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލަން ޖޭއެސްސީން އަންނަނީ ތައްޔާރުވަމުންނެވެ.

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު މިއަދު ސަސްޕެންޑްކުރި އިރު، އެ ކޯޓްގެ ފަނޑިޔާރުންގެ ބެންޗް 7 އިން 5 އަށް މަދުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވެ އެވެ.