Last Updated: April 20, 06:46
Sunday, April 20, 2025
މުނިފޫހިފިލުވުން

'ޑޮން 3' ފަށަން ތައްޔާރު ވަނީ

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު އިއުލާންކުރި "ޑޮން 3" ގެ ޝޫޓިން މި އަހަރު ފަށާނެކަމުގެ ޔަގީންކަން އޭނަ ދީފި އެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެ ފިލްމުގެ މަސައްކަތް ނުފެށި ލަސްވެގެން ގޮސްފައި އޮތީ އޭނަ ކުޅެން ސޮއިކޮށްފައި އޮތް ފިލްމެއްގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. އެއީ މިދިޔަ އަހަރު ޝޫޓިން ފެށި ހަނގުރާމަ ފިލްމު "120 ބަހާދޫރު" އެވެ. ފަރުހާން ބުނީ މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ މަސައްކަތްތަކުން ވީއްލުމުން "ޑޮން 3" އަށް އެއްކޮށް ވަގުތު ހުސްކުރާނެ ކަމަށެވެ.

"ޔަގީނުން ވެސް މި އަހަރު ޑޮން ތިނެއްގެ ޝޫޓިން ފަށާނަން." 2003 ގެ "ދިލް ޗާތާ ހޭ" އިން ޑައިރެކްޝަނަށް ނުކުތް ފަރުހާން ބުންޏެވެ.

ދެހާސް ތޭވީހުގެ އޮގަސްޓްގައި އިއުލާންކުރި "ޑޮން 3" ގެ ބަތަލާ އަކީ ރަންވީރު ސިންގް އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ވިލަން އަކީ ވިކްރާންތު މަސީ އެވެ.

"ޑޮން 3" އަކީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާއެކު ފަރުހާން ގެނެސްދީފައިވާ 2006 ގެ "ޑޮން" އާއި 2013 ގެ "ޑޮން 2" ގެ ފޮލޯއަޕެކެވެ. އެކަމަކު އާ ފިލްމުގައި ކުރީގެ ކާސްޓުންނެއް ނުހިމެނެ އެވެ. "ޑޮން 3" ގެ ކުރިން 2021 ގައި ފަރުހާން ޑައިރެކްޓްކުރާ ގޮތަށް އެހެން ފިލްމެއް ވެސް އިއުލާންކުރި އެވެ. އެއީ ކާސްޓަށް ޕްރިޔަންކާ އާއި އާލިއާ ބަޓްގެ އިތުރުން ކެޓްރީނާ ކައިފް ނެގި ރޯޑް ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. އެކަމަކު އެ ޕްރޮޖެކްޓް އޮތީ "ވާނުވާ" އެވެ.

"ޑޮން 3" މި އަހަރު ފަށަން ތައްޔާރުވަމުން އަންނަ އިތު، ރަންވީރު މިހާރު އަންނަނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ތުރިލާ "ދުރަންދާރު" ގެ މަސައްކަތް ކުރަމުންނެވެ.