Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ހަންކެޑެ ބްރިޖްގައި މީހަކު މަރުވެއްޖެ

އެކްސިޑެންޓްގައި މަރުވި ލީވާން.

އައްޑޫ ހަންކެޑެ ބްރިޖުގައި އެކްސިޑެންޓެއްގައި ހިނގައި މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި މަރުވީ މާލެ، ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު، 24، އެވެ.

އެނގިފައިވާ ގޮތުގައި އޭނަ އަކީ އައްޑޫގައި ބޭއްވި ރޭސިން މުބާރާތަށް އައްޑު އަށް އައިސް އުޅުނު ޒުވާނެކެވެ.

ފުލުހުން ބުނީ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި މިހާތަނަށް އެނގިފައިވާ ގޮތުން އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ވެއްޓިގެން ކަމަށެވެ.

މަރަދޫން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލް ބްރިޖުގެ ބެންޑް ހިސާބުން ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ ބްރިޖުގެ ފެންސުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ލިންކް ރޯޑާ ގުޅިފައި އޮންނަ ހަންކެޑެ އާ ބްރިޖަކީ މި މަހުގެ 1 ގައި ހުޅުވި ބްރިޖެކެވެ. މިއީ ބްރިޖް ހުޅުވި ފަހުން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޭސިން މުބާރާތަށް ޕްރެކްޓިކްސް ކުރުމުގެ ތެރޭގައި މިދިޔަ ހަފުތާގެ ތެރޭގައި މަރަދޫގެ 18 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލެއް ހުޅުމީދޫގައި ގެއެއްގެ ތަނބަކަށް އަރައި ލިބުނު ސީރިއަސް އަނިތަކާ ގުޅިގެން އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ.