ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވޯޓު ނުދިނުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާއަށް ތައުރީފުކުރައްވައިފި އެވެ.
އަޒާން ވަނީ މި ބިލަށް އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް ވޯޓުގައި ބައިވެރިނުވެ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ. އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައެއް ނުވެ އެވެ. އެއާއެކު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްލާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ޤަބޫލުކުރާ ހަމަ ހިފައިގެން ތެދުވެ ހިންދެމިލަން ކެރުނީ އަޒާނަށް އެކަނި ކަމަށެވެ.
"އެހެން އެންމެން ބޯތިރިކުރިއިރު، ޤަބޫލުކުރާ ހަމަ ހިފައިގެން ތެދުވެ ހިންދެމިލަން ކެރުނީ އެންމެ ބޭފުޅަކަށް،" އުމަރު ވިދާޅުވި އެވެ.
އަޒާން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން ނިންމެވީ އޭނަ ތަމްސީލު ކުރާ ރައްޔިތުންނާއި ގާނޫނީ ބޭފުޅުންނާއި މި ސަރުކާރުގެ ވަޒީރުންތަކެއްގެ ވެސް ލަފަ އާއި މަޝްވަރާގެ މަތިން ކަމަށެވެ.
"އަދި މި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ." އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރާއްޖެ އެންމެ މަތީ ކޯޓްގެ ކޯޓުގައި ދުސްތޫރީ މައްސަލައެއް ވެސް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަދު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
"އެއީ ހުޅުވާލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ." އަޒާން ވިދާޅުވި އެވެ.
އެ ބިލަށް ތާއީދު ނުކުރެއްވިޔަސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމިހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.