ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދާނީ ކުރިއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ރަށްރަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ޙާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އެ މަނިކުފާނު ފެއްޓެވި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
ރައީސް މިގޮތަށް ވިދާޅުވި އިރު، ކައުންސިލްތަކާ ބައްދަލު ކުރައްވަން ރައީސް މިހާތަނަށް ވަރަށް ގިނަ އަތޮޅުތަކަށް ވަޑައިގެން، ރަށްރަށުގެ ކައުންސިލްތަކާ މިހާތަނަށް ބައްދަލު ކުރައްވާފައިވެ އެވެ.
އެގޮތުން އެންމެ ފަހުން މި ހަފުތާގެ ތެރޭގައި ރައީސް ވަޑައިގެންނެވީ ދ. އަތޮޅަށެވެ.
ކައުންސިލްތައް ބާރުވެރި ކުރަން މި ސަރުކާރުން މި ފަހުން ފަހިކޮށް ދިން އެންމެ ހާއްސަ އެއް ފުރުސަތަކީ އިގުތިސާދީ އަދި މާލީ ފުދުންތެރިކަން އިތުރު ކުރުމަށް ކައުންސިލްތަކަށް ތަފާތު މަސައްކަތްތައް ކުރެވޭ ގޮތަށް ފަޅުރަށްތައް ދޫކުރުމެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތަކަށް ފަހި މާހައުލެއް ފަހިކޮށް ދިނުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ކައުންސިލް އިދާރާތައް އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއެއް ވެސް ފަށައިފަ އެވެ.