ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓު ދެއްވީ މެޖޯރިޓީއާއެކު ކުރިއަށްދާން ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
މި ބިލު ދިރާސާކުރުމަށް އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރަން ނެގި ވޯޓުގައި އަނާރާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަނާރާ ވިދާޅުވީ ކޮމިޓީގައި ބިލުތަކަށް ހިޔާލުފާޅުކުރާ ކަމަށާއި ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހޭނީ ޓީމާއެކު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
Committee ga bill thakah khiyaalu faalhukuran. Namaves majority in kameh nimmaairu dhaanjehenee team aa eku kamah gaboolukuran. Shukriyya
— Dr. Anara Naeem (@AnaraNaeem) February 26, 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.
އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިއަދު ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.