ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދޭން ސަރުކާރުން ނިންމާފައިވާތީ އެކަން ކުރިއަށް ގެންދަންވީ ގޮތް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އާންމުކޮށްފި އެވެ.
އެތަނުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް މާޗް ހުގެ ކަރަންޓާއި ފެން ބިލުން އާންމު މަހަކަށްވުރެ އިތުރުވާ އަދަދު "ރަމަޟާން ޑިސްކައުންޓް"ގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކަން ތަންފީޒު ކުރާނެ ހަތަރު ގޮތެއް ބަޔާންކޮށްފައިވެ އެވެ.
1. "އާންމު މަސް" ކަނޑައެޅުމުގައި ރަމަޟާން މަސް ފަދަ ޑިމާންޑް މަތީ މަސްތައް އުނިކުރުމަށްފަހު އެވަރެޖް ހިސާބު ހެދުން. އެގޮތުން، އެވަރެޖު ހެދުމުގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ މަސްތައްކަމުގައިވާ ފެބްރުވަރީ، މާރިޗް އަދި އެޕްރީލް މަސް އުނިކޮށް، 2024 ވަނަ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވަރެޖަކީ އެކަސްޓަމަރެއްގެ "އާންމު މަސް" ކަމުގައި ބެލުން.
2. ޑޮމެސްޓިކް މީޓަރުތަކަށް މާޗު މަހުގެ ބިލު ކުރުމުގައި، މާރިޗު މަހާއި "ޢާންމު މަސް" ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ބިލުކުރުން. އަދި އެ ފަރަގަކީ 10 ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމުގައި ވާނަމަ މާރޗު މަހުގެ ބިލަށް 10 ޕަސެންޓްގެ ޑިސްކައުންޓް ދިނުން.
3. މާޗު މަހާއި "ޢާންމު މަސް" ކަމަށް ކަނޑައަޅާފައިވާ ޢަދަދުގެ ފަރަގު އަޅާކިޔާ އިރު، މާޗް މަހުގެ ބިލު ޢާންމު މަހަކަށް ވުރެ ދަށްވެފައިވާ ކަސްޓަމަރުންނަށް ވެސް 10 ޕަސެންޓް ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓްގެ ގޮތުގައި ހަމަޖެއްސުން.
4. މާޗު މަހުގައި އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރެޖިސްޓަރކުރެވިފައިވީ ނަމަވެސް، މިހާތަނަށް ދަށް ޔޫސޭޖެއް ހުރުމުން ނުވަތަ އެވަރެޖެއް ހިސާބުކުރެވޭ މިންވަރަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް (އެއީ 2024 ގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅުގައި އަލަށް ރެޖިސްޓަރ ކޮށްފައިވާ މީޓަރުތަކަށް) 10 ޕަސެންޓްގެ ޑިސްކައުންޓް ރަމަޟާން ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
ޔޫޓިލިޓީ އޮތޯރިޓީން ބުނީ މި އުސޫލުގެ ދަށުން ޑޮމެސްޓިކް ކަސްޓަމަރުންނަށް މާޗް މަހުގެ ބިލް ތައްޔާރު ކުރުމަށް ހިދުމަތްދޭ ކުންފުނުތަކަށް މިހާރު ވާނީ އަންގާފައި ކަމަށެވެ. އަދި އުސޫލާ އެއްގޮތަށް މިކަން ތަންފީޒުކުރުކަން ވިކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ކަރަންޓާއި ފެނުގެ ހިދުމަތް ދެނީ ކުންފުންޏަކުންނެވެ. އެއީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ސްޓެލްކޯ އާއި ފެނަކަ އެވެ.