Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ސަރުކާރުން އުޅެނީ ފަނޑިޔާރުގެ ފުނޑާލަން

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ދެން

ސަރުކާރުން މަސައްކަތް ކުރަނީ ފަނޑިޔާރުގެ ފުނޑާލަން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިއަދު ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުން ސަސްޕެންޑް ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންނާއި ގުޅޭގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އަންގާފައިވާތީ ކަމަށް ޖޭއެސްސީން ބުނެ އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވީ އެ ފަނޑިޔާރުންނާއި ގުޅޭގޮތުން އޭސީސީން ބަލަމުން އަންނަނީ އެ ކޮމިޝަނުން އަމިއްލައަށް އުފެއްދި މައްސަލައެއް ކަމަށާއި ސަރުކާރުގެ ފަރާތުން ޖޭއެސްސީގެ ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ދައުލަތެއްގެ ސިފައިގައި ގައުމު ހިނގާ ކަމަށްވާނަމަ ފަނޑިޔާރުގެ އަށް އޮންނަ އިތުބާރު އޮންނަންޖެހޭނެ ކަމަށާއި މިހާރު ރާއްޖޭގައި އުފެދިފައި އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ރާއްޖޭގެ ގިނަ ރައްޔިތުން އިތުބާރު އެބައޮތް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

"އެހެން އޮއްވާ މި ފަނޑިޔާރުގެ ފުނޑާލަން، ހަމަ ސާފުކޮށް ދަންނަވާނަން ފުނޑާލާށޭ ހަގީގަތުގައި އެ މަސައްކަތް ކުރަނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވަނީ މިހެން ދަންނަވަން ޖެހެނީ ސަރުކާރުގެ އަމަލުތައް ވަރަށް ހުތުރުކޮށް ހުރުމުންނާއި ނެތް މައްސަލައެއް އުފަންކޮށްގެން ފަނޑިޔާރުން ވަކިކުރަން މަސައްކަތް ކުރާތީ ކަމަށްވެސް ވިދާޅުވެފަ އެވެ.