Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ބީއެމްއެލް އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ދެމުންނެވެ.

ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށާއި އަދި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ޚިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ހުރިހާ ދިވެހިންގެ ބޭންކް ކަމަށާއި ބޭންކުން ތަޢާރަފުކުރާ ކޮންމެ ޚިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަޤްޞަދަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

"އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ޚިދުމަތް ކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީ އަށް އެހީވެދިނުން." ޝަރީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު، ބީއެމްއެލްއިން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާފުށީގައި ޚިދުމަތްދޭ ޑޮލަރު އޭޓީއެމްގެ ވިއުގަ ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.