ސަރުކާރުގެ އަމާޒު ހުރިގޮތުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށާއި ސަރުކާރުގެ މިހާރު އަމާޒު ހުރި ގޮތުން ރާއްޖެއަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓްކުރަން ޖެހިލުންވާނެ ކަމަށެވެ.
"މިއީ ބެލަރުސް އެއް ނޫން، މިއީ ރަޝިޔާ އެއް ނޫން ހިތުހުރި ގޮތަކަށް އަނިޔާވެރި ޚުދުމުހުތާރު ވެރިކަމެއްކުރަން. މި ޤައުމަކު ތެޔޮ ނޫނީ އެހެން މައުދަނެއްވެސް ނެތް އެކްސްޕޯޓްކުރަން،" އަމީރު ވިދާޅުވި އެވެ.
ޕްރޮޖެކްޓްތައް ހިންގަން އަދި ދަރަނި ދައްކަން ސަރުކާރަށް ހެޔޮ އަގުގައި ފައިސާ ބޭނުންވާނެ ކަމަށާއި މިހާރު ރާއްޖެއަށް ބޭރުން ފައިސާ ހޯދޭނެ މަގުތައް ވެސް ބަންދުވަމުންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަން ފިޔަވައި ގިނަ އިޤްތިސާދީ ދާއިރާތައް ހުރީ އެއްކޮށް ހުއްޓިފައި ކަމަށާއި ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދެވޭއިރު، ގިނަ ކުންފުނިތައް ހުރީ ބަނގުރޫޓްވާ ހާލަތުގައި ކަމަށްވެސް ވިދާޅުވި އެވެ.
"އިޤްތިސާދީ ގޮތުންނާއި މާލީ ގޮތުން ކުރިޔަށް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް. ސަރުކާރުގެ ނާޤާބިލް ކަމުންނާއި ޚުދުމުޚްތާރު ސިޔާސަތުތަކުގެ ސަބަބުން ހުރިހާވެސް ގެއްލުމެއް އޮތީ ރައްޔިތުންނަށް،" އަމީރު ވިދާޅުވި އެވެ.
އަމީރު މިހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ޖޭއެސްސީން ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.