Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ގާނޫނުއަސާސީ ފުނޑާލައިފި، މިއީ ޣައިރު ގާނޫނީ ދައުލަތެއް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

މިވަގުތު ރާއްޖޭގައި ހިންގަމުން ދަނީ ޣައިރު ގާނޫނީ ދައުލަތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ޖޭއެސްސީން ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް މިއީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ މާޒީއެއް އޮތް ބައެއްކަން އެނގޭ ކަމަށާއި އެމްޑީޕީން މަސައްކަތް ކުރީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް ނަމަވެސް، މިއަދު ގާނޫނުއަސާސީ ފުނޑާލައި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ޕީއެންސީން ހަރާބުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ދަތި، އުނދަގޫ، ކަޅު ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

"މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ޣައިރު ގާނޫނީ ދައުލަތެއް، ވަކިން ހާއްސަކޮށް މުޅި ވެރިިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ޣައިރު ގާނޫނީ ސަރުކާރެއް. ރައްޔިތުންނަށް އެ މީހުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ޣައިރު ގާނޫނި ސަރުކާރުން ފުނޑުފުނޑުކޮށްފި،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ދެން އޮތް ގޮތަކީ، އެމްޑީޕީގެ ގައުމީ މަޖިލީހުން 10 ޑިސެމްބަރު 2024ގައި ފާސްކުރި ގަރާރާ އެއްގޮތަށް އަމަލުކުރުމެވެ.

"މުޅި ވެރިކަމުގެ ނިޒާމު ހައިޖެކް ކުރުމަށް ކޮށްފައިވާ ކަންކަމާ މެދު މެދުކެނޑުމެއްނެތި އިހުތިޖާޖުކޮށް އަޑުއުފުލުން. ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަ ކުރުމަށް އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހަރަކާތްތައް ހިންގާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ މި ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާއި މަދަނީ ޖަމިއްޔާތަކާއި ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރުދުންނަށް ދައުވަތު އަރުވާ ކަމަށާއި މި އަނދިރި ދުވަސްތަކުގެ ތެރެއިން އަލިމަގެއް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.