Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ފުލުހުންތަކެއް ޗައިނާ ބަސް ދަސްކޮށްފި

ފުލުހުންނަށް އަމާޒުކޮށްގެން ހިންގި ޗައިނާ ބަހުގެ ކޯސް ނިންމާލައިފި އެވެ.

މިއީ ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންނާއި ރާއްޖޭގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންނާ ފުލުހުން މުއާމަލާތު ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށް އަމާޒުކޮށްގެން ހިންގި ޗައިނާ ބަހުގެ ބޭސިލް ކޯހެކެވެ.

މި ކޯހަކީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) އާއި ވިލާ ކޮލެޖާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެން ފުލުހުންނަށް ހިންގި ކޯހެކެވެ.

ކޯހުގެ ނިމުން ފާހަގަ ކުރަން އިސްކަންދަރު ބިލްޑިންގުއިގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންނާއި، ކޯހުގައި ބައިވެރިވި ފަރާތްތަކާއި، އެހެނިހެން ޝަރަފުވެރިން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާގެ އެމްބަސީގެ ޗާޖް ޑެފެއާޒް އެޑް އިންޓަރިމް މިސް ހީ ފެން ވެސް ވިދާޅުވުވީ، ޤާނޫނު ތަންފީޒުކުރުމުގައި ސަގާފީ ގޮތުން އެއް ބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މުހިންމުކަން ބޮޑު ކަމަށެވެ.

ދެ މަސް ދުވަހުގެ ހިންގި ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑރ. އަޙްމަދު އަންވަރެވެ.

މި ކޯހުގައި އެކި ރޭންކުތަކުގެ 25 ފުލުހުން ބައިވެރިވެ، 23 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައި ވެއެވެ. މިއީ ބަހުގެ ހުރަސްތައް ނައްތާލުމަށާއި، ގުޅުން ބަދަހިކުރުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.