Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ރާއްޖެއާ އެކު ލަންކާގެ ޓޫރިޒަމް ކުރިއަރުވަން ޝައުގު!

ރާއްޖެއާ ގުޅިގެން އަވައްޓެރި ސްރީ ލަންކާގެ ޓޫރިޒަމް ކުރިއަރުވަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މައްސޫދު އިމާދާ އެކު ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ އިއްޔެ ބޭއްވި ބައްދަވުމެއްގައި ކަމަށެވެ. އެގޮތުން ރާއްޖެއާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމް ކުރިއަރުވަން އިނިއޭޓިޝިއޭޓިވަކަށް ދާން ލަންކާ އިން ބޭނުންވާ ކަމަށް ޑިސަނަކަ ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ގުޅުމަށް މިހާރު 60 އަހަރުވެފައިވާ އިރު، ގުޅުން އިތުރަށް ބަދަހި ކުރުމާއި ރާއްޖެ އިން ލަންކާއާ ބާއްވަމުން އަންނަ ގާތް ގުޅުމަށްޓަކައި ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ޑިސަނަޔަކަގެ ޒައާމަތުގައި ލަންކާ އަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިކަން ރާއްޖޭގެ ސަފީރު ފާހަގަ ކުރައްވައި، އެ ގައުމުން ހޯދަމުން އަންނަ ކުރިއެރުންތަކަށް މަރުހަބާ ވެސް ވިދާޅުވެފައިވާ ކަމަށް ރައީސްގެ މީޑިއާ ޑިވިޝަނުން ބުންޏެވެ.

ރާއްޖެއާ ގުޅިގެން ލަންކާގެ ޓޫރިޒަމް ކުރިއަރުވަން ލަންކާގެ މިހާރުގެ ރައީސް ޝައުގުވެރިކަން ފާޅުކުރެއްވި އިރު، ދެ ގައުމަކީ މި ސަރަހައްދުގެ ޓޫރިޒަމްގައި އެންމެ ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. ނަމަވެސް ދެ ގައުމުގެ ޓޫރިޒަމަށް ބަލާ އިރު، ގުދުރަތީ ގޮތުން ދެ ގައުމުގައި ހުރި ސިފަތައް ވަރަށް ތަފާތެވެ.

ޓޫރިޒަމް ދާއިރާ އަށް ބަލާ އިރު ރާއްޖެ އަކީ ލަންކާ ވާދަވެރިއެއްގެ ގޮތުގައި ދެކޭ ގައުމެކެވެ.

އެ ގައުމުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ 2023 ގެ "އައިޓީބީ ބާލިން ފެއާ" ގައި ލަންކާގައި ހުރި ޓޫރިޒަމްގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ރާއްޖެ އަށް ޓޫރިސްޓުން ދަނީ ހަމައެޖަނި ބީޗުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ކަމަށާއި ފަސް ވަރަކަށް ދުވަހު ބީޗެއްގައި ހޭދަކުރަން ޖެހުމުން ބީޗު މަތިން ފޫހިވާ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއާ ހިލާފަށް ލަންކާގައި ބީޗުގެ އިތުރުން ވެސް ޓޫރިސްޓުން ފޫހިނުވާނެ ފަދަ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

އޭނަގެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވުމުން ފަހުން މާފަށް ވެސް އެދިވަޑައިގަތެވެ. އޭރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ހަރިން އަށް ރައްދު ދެއްވާފައިވެ އެވެ. އެގޮތުން ރާއްޖެ އަކީ ޓްރެވަލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު އެތައް ފަހަރެއްގެ މަތިން ހޯދާފައިވާ ގައުމެއް ކަމަށާއި ރާއްޖެ އަކީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމްގެ "ބެންޗްމާކް" އެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މައުސޫމް ދެއްވި ރައްދުގައި ކަންކަމާ މެދު ހަސަދަވެރިވެ ޝައްކު އުފެދޭ ނަމަ ލޯގަނޑާ ސުވާލުކުރުން މާ ރަނގަޅު ވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ.

ލަންލާގައި ހުންނަވާ ރާއްޖޭގެ ސަފީރާ މިހާރުގެ ޑިސަނަކަ ބަދައްލު ކުރައްވައި މަޝްވަރާތަކެއް ކުރެއްވި އިރު، ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވެސް ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވައި، ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރެއްވި އެވެ.

އެ ދަތުރުގައި ޑިސަނަޔަކަށް ރާއްޖެ ޒިޔާރަތް ކުރެއްވުމަށް މިނިސްޓަރު ދައުވަތު ވެސް ދެއްވި އެވެ. ޑިސަނަޔަކަށް ލަންކާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.