ހެޔޮވެރިކަން ކުރާނެ ގޮތް ސަރުކާރަށް ކިޔައިދޭން އުޅޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރީގެ ފިނޭންސް މިނިސްޓަރަށް ރައްދު ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވަނީ ރާއްޖެއަށް ކުރިއެރުމެއް އޮތީ ހެޔޮވެރިކަމެއް ކޮށްގެން ކަމަށާއި ސަރުކާރުގެ މިހާރު އަމާޒު ހުރި ގޮތުން ރާއްޖެއަށް އިންވެސްޓްކުރަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިންވެސްޓްކުރަން ޖެހިލުންވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަމީރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ހެޔޮވެރިކަން ކުރާނެ ގޮތް ކިޔައިދޭނެ ކަމެއް ނެތް ކަމަށާއި ގައުމު ނޭވާ ނުލެވިގެން އުޅެނީ އެމްޑީޕީން ހެޔޮވެރިކަން ކުރިގޮތް މޮޅުކަމުން ކަމަށެވެ.
"ލޯނަކަށްފަހު ލޯނެއް ދައްކަންޖެހިފައި މިއޮތީ ހެޔޮވެރިކަމުގެ ސަބަބުން ނޫންތޯ؟ ތިބޭފުޅުންގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވީމަ ފެންނަން އޮތީ ދަރަނި، ފައިސާ ޗާޕް. އެގޮތް އަޅުގަނޑުމެންގެ ފޮތުގައި ކުރާކަށް ނެތް،" ޝުޖާއު ވިދާޅުވި އެވެ.
ހެޔޮވެރިކަން ކުރާނެ ގޮތް އަހަރެމެންނަށް ކިޔާދޭނެ ކަމެއްނެތް.ހެޔޮވެރިކަން ކުރިލެއް މޮޅުކަމުން ނޫންތޯ މިއުޅެނީ ޤައުމު ނޭވާނުލެވިގެން.ލޯނަކަށްފަހު ލޯނެއް ދައްކަންޖެހިފަ މިއޮތީ ހެޔޮވެރިކަމުގެ ސަބަބުންނޫންތޯ؟ތިބޭފުޅުންގެ ހެޔޮވެރިކަމުގެ ފޮތް ހުޅުވީމަ ފެންނަން އޮތީ ދަރަނި،ފައިސާ ޗާޕް https://t.co/sxqSlaalld
— Ibrahim Shujau (@IbrahimShujaau) February 26, 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. މިއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ނިންމި ނިންމުމެއް ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ޖޭއެސްސީން ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.