Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ގާނޫނީ ވަކީލުން މަދަނީ ބަސްނޭހުމަކަށް ދާންޖެހޭ

ގާނޫނީ ވަކީލުން މަދަނީ ބަސްނޭހުމަކަށް ދާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަދައްކަމުން މައުރޫފް ވިދާޅުވީ ވަކީލުންގެ ބާރު މިހާރު ގޮސްފައިވާ ކަމަށާއި އެގޮތުން ވަކި ގޮތަކަށް މައްސަލަ ނިންމަން ސަރުކާރުން ފަނޑިޔާރުންނަށް އަންގައި، އެގޮތަކަށް އަމަލުނުކޮށްފިނަމަ އެ ފަނޑިޔާރުން ސަސްޕެންޑް ކުރާނެ ކަމަށެވެ. އަދި މިއަދު މިކަމާ ދެކޮޅަށް ނުނިކުމެއްޖެނަމަ ކުރިއަށް އޮތް ތަނުގައި ޝަރީއަތް ހިނގަމުންދަނިކޮށް ވެސް ފަނޑިޔާރުން ސަސްޕެންޑް ކުރާ މަންޒަރު ފެންނާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ މިކަމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގާނޫނީ ވަކީލުން. ގާނޫނީ ވަކީލުން މިއަދު މަދަނީ ބަސްނޭހުމަކަށް ދާންޖެހޭ. އެބޭފުޅުންގެ އާމްދަނީ އާއި އެ ބޭފުޅުންގެ މުޅި ދިރިއުޅުން ފުނޑުފުނޑުކޮށްލީ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި މިއަދު އަމަލުކުރަންޖެހޭ ގާނޫނު އަސާސީއެއް ވެސް ނެތް ކަމަށާއި ސަރުކާރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުން ވެސް މަދަނީ ބަސްނޭހުމަކަށް ގޮސް ގައުމު ސަލާމަތްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.