އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިތަ ބަންގި މުބާރާތް "ނޫރުލް އަޒާން" ގެ އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ހޯދައިފި އެވެ.
މި މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައި ވަނީ ރޭގަ ވެ. މި ރައުންޑުގައި ހަ ބައިވެރިއަކު ވާދަކުރިއިރު، ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ޙިޖާޒް ރާގަށް ބަންގި އާއި ޤަމަތް ދިނުމެވެ.
މުބާރާތުގެ އެއްވަނަ ޙާޞިލްކުރި ސުލައިމަށް ޓްރޮފީ އާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއް ވެސް ދީފައިވެ އެވެ.
އިނާމުތައް ހަވާލުކޮށް ދެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މުބާރާތުގެ ދެވަނަ ޙަމްޒާ ބިން ހަސަން ހާސިލުކުރި އިރު، ތިންވަނަ އަކީ މުޙައްމަދު ހަނޫން ހުސައިނެވެ.
"ނޫރުލް އަޒާން" ގެ މުބާރާތުގެ މަގުސަދަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމެވެ. އަދި މިއީ ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް އެ ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމުގެ މަގުސަދުގައި މި އަހަރުން ފެށިގެން ބާއްވަން ނިންމި މުބާރާތެކެވެ.
މި މުބާރާތުން ވަނަތަކަށް ހޮވުނު ބައވެރިންނަށް ކުރިއަށް އޮތް ރޯދަ މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދޭން އިސްލާމިކް މިނިސްތްރީން ވަނީ ނިންމައިފަ އެވެ.