Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުމުގެ ބާރު ކެބިނެޓަށް

އަސާސީ ބޭނުންތަކަށް ހިންގޭ މަޝްރޫއުތައް ބީލަމަށް ނުލައި، ކެބިނެޓަށް ހަވާލު ކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް އިއްޔެ ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރި އާ އުސޫލުގައިވާ ގޮތުން ވަކި ކަންތައްތަކެއްގައި ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިއަށް ގެންދެވިދާނެ އެވެ. އަދި އެ އުސޫލުގެ ތެރެއިން މަޝްރޫއުތައް ދިނުމުގެ ބާރު ދީފައިވަނީ ކެބިނެޓަށާއި ނޫނީ ކެބިނެޓުން ކަނޑައަޅާ ކޮމިޓީއަށެވެ.

އެގޮތުން އެދަދަ މުހިންމު މަޝްރޫއުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅޭ ކަންކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއުތަކުގެ އިތުރުން ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކެވެ.

މި ބަދަލު ގެނައުމުގެ ކުރިން 2023 އިން ފެށިގެން އަމަލުކުރަމުން އައި މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުން "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލަށް އަމަލުކުރާނީ ވާދަވެރި ބީލަމަކަށް ވަގުތު ނެތް ހާލަތްތަކުގަ އެވެ. އަދި އަގުގެ ގޮތުން ވާދަވެރި މާހައުލެއްގައި ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ވެސް އެ އުސޫލަށް އަމަލު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.