އެންޓިިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށާއި އަދި އެތަނަށް ސިޔާސީ އެއްވެސް ނުފޫޒެއް ވެސް ނެތް ކަމަށް ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިރާރަކި އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފައި ވަނިކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަންގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ.
އެހެންވެ މައްސަލަތައް ބަލަމުން ގެންދާނީ ގާނޫނާ ގަވާއިދުގެ ތެރެއިން މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން ކަމަށް އޭސީސީން ބުންޏެވެ. އެ ކޮމިޝަން ބުނީ ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި އަދި ވަކި ފަރާތަކަށް ބުރަ ނުވެ ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް ފަނޑިޔާރުންނާ ގުޅޭ ގޮތުން އޭސީސީން ބަލަނީ ކޮން މައްސަލަތަކެއް ކަމެއް ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
ޖޭއެސްސީން އިއްޔެ ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ފަނޑިޔާރުުން ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އަދި ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހެނދުނު ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.